މިދިޔަ އޭޕްރީލް މަހު ޓޫރިޒަމް މިނިސްޓްރީ ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާތުން ބީލަން ހުށަހަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޖުމްލަ ހަތް އަތޮޅެއްގެ 16 ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ހަތް ރަށަކަށް ބީލަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 18 ބީލަންފޮތް ގަނެފައިވާއިރު ނުވަ ފަރާތުން ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބީލަން ހުށަހަޅާފައިވާ ހަތް ރަށަކީ:
- ހއ.ވެލިފިނޮޅު
- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
- ތ. ކާއްޑޫ
- ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު
- ލ.ބޮޑުމުންޏަފުށި
- ގއ. ފުނަދޫ ވިލިގިއްޔާ
- ގދ.ކަނޑަހަލަގަލަ
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ހުށަހަޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެ ފަރަގު އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ އިތުރު ކަމަށެވެ.
ބިޑް ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާއިރު، ދެން ކުރިއަށް ގެންދާނީ ބީލަން އިވެލުއޭޓްކުރުމުގެ މަރުހަލާ އެވެ. އެ މަސައްކަތް ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.
ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ބީލަން ހުށަހަޅާފައިވާއިރު، ބާކީ ހުރި ރަށްތަކާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސެސްމަންޓެއް ހެދުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އަދި އެއަށްފަހު އެރަށްތަށް އަލުން ބިޑަށް ލުމާމެދު އެމިނިސްޓްރީން ގޮތެއް ނިންމާނެ އެވެ.