ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓަށް ޓެކްސް ދެކުމުގެ އުސޫލެއް މީރާއިން ހަމަޖައްސައިފި އެވެ.
މީރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.
މީރާއިން ބުނީ ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50 ޕަސެންޓް ނަގަމުން ދިޔަނަމަވެސް އެ އިންސައްތަ މިހާރު ވަނީ 5 ޕަސެންޓްއާއި 10 ޕަސެންޓް އާ ދެމެދަށް ކުޑަ ކޮށްދީފައިވާ ކަމަށެވެ. އަދި 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މިދިޔަ އަހަރުގެ އާންމުދަނީއަށް ބަލާފައި ޓެކްސް ދައްކާ ފަރާތްތަކަށް ލުއިތައް ދިނުމަށް ހަމަޖަައްސައިދޭނެ ކަމަށްވެސް މީރާއިން ބުނެ އެވެ.
މީރާއިން އިތުރަށް ބުނެފައިވަނީ މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުންނެވެ.