ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރު ބޮޑަށް ދަށްވުމުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު 250 ޑޮލަރަށް ދަށްކުރުމަށްފަހު، މިއަދުން ފެށިގެން ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓް ބީއެމްއެލް އިން 500 ޑޮލަރަށް އިތުރުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ދަށްކުރީ މިދިޔަ އަހަރުގެ 16 ސެޕްޓެމްބަރު 16 ގަ އެވެ.
"މި ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަަގަކޮށްފައިވާނެ އެވެ. ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުންނެވެ. ހަމައެހެންމެ މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލައި، ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން މިވަނީ ނިންމާފައެވެ." އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު 500 ޑޮލަރަށް އިތުރުކުރީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށް ކަމަށެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ އެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނިގޮތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.
"މިހާރު ވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ އެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ." ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެ ކަމަށެވެ. އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.