ލިފްޓް އަދި އެސްކެލޭޓަރު މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑް ކަމަށްވާ "ކޯނޭ" އެސްކެލޭޓާ ވެސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
އެސްޓީއޯއިން ބުނީ ކޯނޭ އެސްކެލޭޓަރު އެންމެ ފުރަތަމަ ހަރުކުރެވޭނީ އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިންގް މޯލްގައި ކަމަށެވެ.
އެސްކެލޭޓާ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަން އެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.
ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ "ކޯނޭ" އެސްކެލޭޓަރަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ.
މިދިޔަ އަހަރު "ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނިފައިވާ "ކޯނޭ"ގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ. އަދި މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސާފް ބެރިޔާ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެކެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރު ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން- ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރު ލިބި، ތެޔޮ ބޭނުންނުކޮށް އެސްކަލޭޓަރު ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެ އެވެ. އަދި ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 އިންސައްތައާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދެ އެވެ.
މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓްކުރެވުން ވެސް ހިމެނެ އެވެ.