ޤައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅުކުރަން މެދުއިރުމަތީގެ ކުންފުނިތަކަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މޯލްޑިވިއަންއަކީ ކުރިންސުރެ ވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ވެސް މޯލްޑިވިއަންއަށް އިތުރު ގެއްލުންތަކާ ކުރިމަތިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައުމީ އެއާލައިން ރަނގަޅުކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން. ޖޮއިންޓްވެންޗާއެއް ހެދުމާއި ބެހޭ ގޮތުން. ކޮންމެއަކަސް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ. "ވައިގެ ދަތުރުފަތުގެ ނިޒާމެއް ގައުމީ އެއާލައިނެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. ޚާއްސަކޮށް ޑޮމެސްޓިކް ދަތުރުފަތުގެ ނެޓްވާކެއް އޮންނަން އެބަޖެހޭ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި. އެހެންކަމުން ރާއްޖޭގައި ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުކުރުމުގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނަމަވެސް އެ އެއާލައިން ދަމަހައްޓަން އެބަޖެހޭ."
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ގައުމީ އެއާލައިން ސަބްސިޑީ ދީގެން ވެސް ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި ޖޮއިންޓްވެންޗާއެއް ހެދުމުގެ ބޭނުމަކީ ބޭރުގެ ދަތުރުތަކުން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އޭގެ އިތުރުން ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެއަށްވެސް އިތުރަށް އިންވެސްޓް ކުރެވިދާނެ ގޮތްތައް ހޯދައި އެކަން ކުރަމުން އެބަދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވިއިރު މޯލްޑިވިއަންގައި ގިނަ ދުވަހު މަސައްކަތް ކުރި ތަޖުރިބާކާރު ގިނަ ބަޔަކު ވަނީ އެކުންފުނި ދޫކޮށްފަ އެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިން ބަނގުރޫޓް ވެދާނެ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދައުލަތް ހިންގަން ތިބޭ މީހުން ދައުލަތުގެ ކުންފުނި ތަކުން ވައްކަން ކުރީމާ ކުންފުނި ބަގުރޫޓުވާނެތާ !