ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ގއ. ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މި ކްލާސްރޫމު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ހޮސްޕިޓަލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީއާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައި ވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ވަނީ ތަރައްގީ ކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓާ ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ ކަމަށް އެ ބޭނުންކުން ބުނެ އެވެ.
ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑު ކާމިޔާބުކުރި ޖަމިއްޔާ ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި މިކްލާސް ރޫމުގެ ސަބަބުން ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދާއިރާގެ މަސައްކަތައް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް. ނަމަވެސް ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމެއް. މިހާރު މި ކްލާސްތައް ހިންގަމުންދަނީ މަހަކު އެއްފަހަރު. އަދި ދަރިވަރުން މި މަސައްކަތްތައް ދަސްކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ އަމިއްލަޔަށްވެސްމެ. އެހެންކަމުން މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން،" ޝާފިއު ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.