ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލް އަގު ބޮޑު ކުރުމަށް ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދުން ފެށިގެން ޖެޓް ފިއުލް އަގު ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޖެޓް ފިއުލް ވިއްކުމަށް ހަމަޖެހިފައި ވަނީ 0.87752 ޑޮލަރަށެވެ. ކުރިން ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަމުން ދަނީ 0.8573 ޑޮލަރަށެވެ.
ޖެޓް ފިއުލްގެ އަގު ބޮޑުކުރުމަށް ނިންމާފައިވާއިރު ޖެޓް ފިއުލް ވިއްކުން ކޮންޓްރޯލު ކުރުމަށް ވެސް އެމްއޭސީއެލްއިން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ އެއާޕޯޓުގައި ހުރި ޖެޓް ފިއުލް ސްޓޮކް މަދުވުމުގެ ސަބަބުންނެވެ.
ޖެޓް ފިއުލް އަގު ބޮޑު ކުރުމުގެ ސަބަބުން ޔޫރަޕް ގައުމުތަކުން ރާއްޖެ އަންނަ އެއާލައިންތަކަށް އެކަމުގެ އަސަރުކުރާނެ އެވެ. މިކާއެކު ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޖެޓް ފިއުލް ކޮންޓްރޯލް ކޮށްގެން ވިއްކުމުގެ ސަބަބުން ރާއްޖެއަށް އަންނަ އެއާލައިންތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. މިގޮތުން، ރާއްޖެ އަންނަ އިރު، އަނބުރާ ދެވޭ ވަރަށް ތެޔޮ ގެންނަން ޖެހޭނެ ކަމަށާއި އެހެން ކަމުން ރާއްޖެ އަންނަ އިރު ގެނެވޭނެ ޕަސެންޖަރުންގެ އަދަދާއި އުފުލޭ ކާގޯގެ މިންވަރު ވެސް މަދު ވާނެ ކަމަށް ބައެއް އެއާލައިންތަކުން ބުންޏެވެ.