ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާ ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވެންސެއް ނުނެގުމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ބޯޑަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކުންފުނީގެ ހުރި މައްސަލަތަކާ ބެހޭގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައި ވަނީ އައިއޭއެސްއިން އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިންއިރު، ގިނަ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން އެ މަގާމަށް މުވައްޒަފުން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކެއް ކަަމަށެވެ.
އެ ކޮމިޓީން ބުނީ އައިލެންޑް އޭވިއޭޝަނުން އެކުންފުނީގެ ސީނިއާ މުވައްޒަފުންނާއި ބޯޑު މެންބަރުންނަށާއި އެނޫންވެސް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކޮމިޓީން ފާސްކުރި ރިޕޯޓްގައި އެކުންފުނިން ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއާއި 25،000 އާއި ދެމެދުގެ އަަދަދުތަކުން ބޮޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން އައިއޭއެސްއިން މުވައްޒަފުން އިތުރުކުރަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުން އަންނަ މިންވަރަށް ބަލައިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން ޖެނުއަރީ 2018އާ އަޅާބަލާއިރު ޖޫން 2019ގެ ނިޔަލަށް ކުންފުންޏަށް 169 (15.7 ޕަސެންޓް) މުވައްޒަފުން އިތުރުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ފްލައިޓް އޮޕަރޭޝަންގެ އަދަދު އިތުރުވެފައިވަނީ ހަމައެކަނި 19 ފްލައިޓް އޮޕަރޭޝަނުންކަމަށާއި ކުންފުނީގެ ފްލައިޓްތަކުން އިތުރަށް ދަތުރުކޮށްފައިވަނީ 62 ފަސިންޖަރުން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ޖަނަވަރީ 2019 ގައި ބޮޑުކޮށްފައިވާ ކަމާއި، ފަހުން ކުންފުންޏާއި އެ މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޖޫން 27، 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް ފިނޭންސްއިން ހުއްދަ ދެއްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 19 ޖޫން 2017 ގައި ކަމާއި، އަދި މި ބަދަލު ގެނެސްފައި ވަނީ ފިނޭންސް މިނިސްޓްރީް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް މެނޭޖިން ޑިރެކްޓަރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރަ މުރާޖައާކުރުމަށް 18 ޖޫން 2010ގައި އެ މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
މުސާރައަށް ގެނައި ބަދަލާއެކު އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައަށް 81،950 ރުފިޔާއަށް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ 67،630 ރުފިޔާއަށް އަރަ އެވެ.
އެ ކުންފުންޏަށް ކޮމިޓީން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ކުންފުނިން އެކި ވިޔަފާރިތަކުން ލިބޭ އާމްދަނީއަށް ބަލާއިރު ވަކި ވަކި ސެކްޓާތަކުން ލިބޭ އާމްދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްޓުމަށް އައިއޭއެސްއަށް ފިނޭންސްއިން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި ސީނިއާ މެނޭޖުމަންޓް އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށް އެންގުމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވަނީ އައިލެންޑް އޭވިއޭޝަން އިން ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސްއެއް ސީނިއާ މެނޭޖްމަންޓްގެ މުވައްޒަފުން ނަގާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި، އެކަމާ ގުޅޭގޮތުން ނިންމި ގޮތެއްގެ ތަފުސީލު ކޮމިޓީއަށް ފޮނުވުމަށް އައިއޭއެސްއަށް އެންގުމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަނަށް ގައުމީ އެއާލައިނެއްގެ ދަރަޖަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މިހާރަށްވުރެ އިތުރަށް އެއްބާރުލުން ދިނުމަށް ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވެ އެވެ.