މިދިޔަ މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 25.4 ޕަސެންޓް ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން ޕަސެންޓު ދަށް އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، މިދިޔަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓްގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެ އެވެ. މި ފީ މިދިޔަ މަހުގައި ލިބިފައި ނުވާ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 53.8 ޕަސެންޓް ނުވަތަ 685.41 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ 24.0 ޕަސެންޓް ނުވަތަ 305.27 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ 5.9 ޕަސެންޓް، ވޯކް ޕާމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ 3.2 ޕަސެންޓް، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ 2.7 ޕަސެންޓް އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ 10.5 ޕަސެންޓް ހިމެނެ އެވެ.
އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން ޑޮލަރު ހިމެނެ އެވެ.