ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށު ކައުންސިލުން މިކަމައި ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
މިގޮތުން ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތް ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލުން ވަނީ އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ގިނަކަން ފާހަގަކޮށްފަ އެވެ. އަދި ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުވެރިން އަންނަ ރަށަކަށްވުމުގެ ސަބަބުން ޚިދުމަތް ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެ، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމުކަމުގައި ކައުންސިލުން ބުނެ އެވެ.
އެއާއި އެކު، ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ޚިދުމަތްތައް ދިނުމުގައި ބޭނުން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ މިކަމަށް އޮތް ހައްލެއްކަމަށް ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މީގެ އަހަރުތަކެއް ކުރިން ކޯޕަރޭޓިވް ސޮސައިޓީއާ މިފްކޯއާ ގުޅިގެން އުކުޅަހުގައި ހިންގާ މިފްކޯ އުކުޅަސް ކިޔާ ކުންފުންޏަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފަ އެވެ. އަދި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމީޓިއިން ވަނީ އެމީހުންގެ މަސައްކަތްތައް ފުޅާކުރުމުގައި އިތުރު ތަމްރީނުތަކާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
މިކަމާއި ގުޅޭގޮތުން ރައީސް ވަނީ އެކޮމިޓީން ހުށަހެޅި ކަންތަކުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުންވެސް ސަރުކާރާ ކައުންސިލާ ދެމެދުގައި ގުޅުން ބަދަހިވުމުގެ ސަބަބުން ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް އަވަހަށް ނިންމާލުމަށް މަގުފަހިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެހެންމެ ސަރުކާރުން އުކުޅަހުގައި ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢޫލޫމާތު ކައުންސިލާއި ހިއްސާކޮށްފައިވާއިރު، ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.