ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފި އެވެ.
ކަސްޓަމަރަށް އެޕްރޫވްވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމަޔަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިކާޑަކީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ކާޑެކެވެ. ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ. މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލު ކުރުމަށް އެދި ހުށަހެޅޭނެ އެވެ. އަދި އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް ކާޑަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނޭދެވޭ އަސަރެއްކޮށްފައި ވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށް މުހިންމު ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އަދި މި ވޭތުވެދިޔަ އަހަރު ބޭންކުން ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމަޔަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރިވެސް ކުރެވޭނެ،" ސީއީއޯ ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރި ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށް ވެސް ދޫކުރާނެ އެވެ. ޔޫއެސްޑީ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައް ވެސް ކުރެވޭނެ އެވެ.
300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރުވެސްމެ އެވެ.