މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަކަރަށް ދުނިޔޭގެ މަޝްހޫރު ބުކިންގް ޕްލެޓްފޯމް އަގޯޑާ ހަމަޖައްސައިފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޑރ. ނައުޝާދު މުހައްމަދާއި، އަގޯޑާގެ ސީއީއޯ ޖޯން ބްރައިން ބައިވެރިވެޑައިގެންނެވި އެވެ.

އިމިގްރޭޝަނުން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ބޯޑާ މައިލްސް ޕްރޮގްރާމުގައި ބައިވެރިވާ ޓޫރިސްޓުންނަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށެވެ. އެގޮތުން އަގޯޑާގެ ބުކިން ޕްލެޓްފޯމް މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް، ބޯޑާ މައިލް ޕްރޮގްރާމުގެ އެކްސްކްލޫސިވް ސޭވިން ޕޮއިންޓް ލިބެ އެވެ. މީގެ އިތުރުން އަގޯޑާއިން މި ޕޮރޮގްރާމް އިތުރަށް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އަގޯޑާގެ ނެޓްވޯކުގައި މި ޕްރޮގްރާމުގެ ޕާޓްނަރުން ޕްރޮމޯޓު ކޮށްދޭނެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ފެށި ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި 26 ޕާޓްނަރުން މިހާތަނަށް ވަނީ ބައިވެރިވެފަ އެވެ. އަދި މި ޕާޓްނަރުންގެ ތަފާތު ޚިދުމަތްތަށް އަގުހެޔޮކޮށް އަދި މުޅިން ހިލޭ އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބުމުގެ ފުރުސަތު ވެސް ފަހިވެގެންދެ އެވެ.

އެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ހަނަފީ ވިދާޅުވީ އެ ޕްރޮގްރާމަށް އުއްމީދު ނުކުރާހާ ބޮޑު ތަރުޙީބެއް މިހާތަނަށް ލިބިފައިވާ ކަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވި ޓޫރިސްޓުންގެ އަދަދު ބައިލައްއްކައަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ފުރަތަމަ އަހަރު ތެރޭގައި ހާސިލުވާނެ ކަމަށް އުއްމީދުކުރި އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަގޯޑާގެ ސީއޯއޯ ޖޯން ބްރައުން ވިދާޅުވީ، މި ޕްރޮގްރާމަކީ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ދިވެހިން ރާއްޖެއިން ތައާރަފުކުރި އިޖާދީ އަދި ވަރަށް ފައިދާ ކުރަނިވި ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޯން ވިދާޅުވީ ކޯވިޑާއެކު ވަރަށް ގިނަ ފަރާތްތައް މީގެ ކުރީން އުއްމީދު ނުކުރާ ގޮތަށް ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުތަކުން އަގޯޑާއެކު ކުރަމުންދާ މަސައްކަތުން މިކަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ އަގޯޑާގައި 2.5 މިލިއަނަށް ވުރެ ގިނަ ހޮޓަލާއި ރިސޯޓު ރެޖިސްޓްރީ ކޮށްފައިވާއިރު 200 އަށް ވުރެ ގިނަ ގައުމަށް ބުކިން ފޯރުކޮށްދެ އެވެ.