ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ހަދައިފި އެވެ.
މި ރީޑިން ޕާކުގެ މަސައްކަތް ރާވައި ހިންގާފައި ވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަފްސަލް އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. އަދި މި ރީޑިން ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވަނީ ބަހައްޓާފަ އެވެ.
މާ ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ރީޑިން ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ވެސް ގާއިމުކޮށްފަ އެވެ. އަދި ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ދިވެހި ވެށީގައިވާ ތަފާތު ތަކެއްޗާއި ގަސްތަކުގެ ނަންތައް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ބޯޑުތައް ހަރުކޮށްފައިވެ އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާދަމް އަފްސަލް ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޕާކެއް އެ ރަށުގައި ނެތުމުގެ އިތުރުން އެ ރަށުގެ ސްކޫލުގައި ހުންނަ ލައިބްރަރީ ފިޔަވާ އިތުރު ލައިބްރަރީއެއް ނެތް ކަމަށެވެ.
"އެހެންކަމުން ކުދިން ފޮތް ކިއުމަށް ޝައުގު އުފެއްދުމުގެ ގޮތުން އައި ހިޔާލެއް މިއީ. މި ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ރަށްޓެހިކުދިންނާއި އަދި އާއިލާ އާއި އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ. މިރަށަށް ނުހަނު ބޭނުންތެރި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.