ހުސްފައިގައި އުދުހި މާސިންގާ ދިވެހި ކަނޑުތަކުން ދިވެހި ޕައިލެޓުން ހޯދާ ތަޖުރިބާއަކީ މިއަދު މިގައުމުގެ ހައިބަތާއި ޝަރަފު ދައްކާ ރާއްޖޭގެ ފަހުރެއްކަމުގައި ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.
ރިޒްވީ މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރަކަށް ސްޕައިސް ޖެޓް ކުންފުނިން ރާއްޖޭގެ ގައުމީ އެއާލައިންއާ ގުޅިގެން ފެށި ސީޕްލޭން ޗާޓަރު ދަތުރަށް އިޝާރާތްކުރައްވަމުންނެވެ.
"އިންޑިޔާއިން އެގައުމުގެ ޕްރައިމް މިނިސްޓަރުގެ ހާއްސަ ދަތުރަކަށް ދިވެހިންގެ ޤައުމީ އެއާލައިންގެ ބޯޓެއް ޗާޓަރު ކުރުމަކީ، ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ އިޙްތިރާމް ކުރާކަން ރަމްޒުކޮށްދޭކަމެއް،" ރިޒްވީ ވިދާޅުވެފައިވެ އެވެ.
އައިއޭއެސް އިން މިއަދު ބުނީ ސްޕައިސްޖެޓްގެ ޗާޓާ ދަތުރަކީ މޯދީ މީގެ ދެ އަހަރުކުރިން ސީޕްލޭންގެ ހިދުމަތް އިންޑިޔާގައި ފެށުމަށް އިންޑިޔާގެ ރައްޔިތުންނަށް ވެފައިވާ ވައުދު އިފްތިތާހުކުރެއްވުމަށް ކުރާ ދަތުރުފުޅެކެވެ. އަދި މިދަތުރަކީ އިންޑިޔާގައި ސީޕްލޭންގެ ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމީ ހަރަކާތް ކަމަށްވާއިރު، ދިވެހިންގެ އެހީ މިފަދަ ބޮޑު ރަސްމިއްޔާތަކަށް ފޯރުކޮށްދެވުމަކީ ގައުމީ އެއާލައިންނެއްގެ ހައިސިއްޔަތުން މިއަދު ފަހުރުވެރިވާކަމެއް ކަމަށާއި މިކަމުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންދެއްކި އެއްބައިވަންތަ ކަމަށް ރިޒްވީ ޝުކުރުއަދާކުރެއްވި އެ ކުންފުނިން ބުންޏެވެ.
ރިޒްވީ ވިދާޅުވެފައި ވަނީ އެ ދަތުރުގެ ސަބަބުން ކުންފުންޏަށާއި ގައުމަށް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށާއި މި ފުރުސަތުގެ ބޭނުންހިފައި ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ދިވެހިރާއްޖޭގެ އަސްދަޑިން ބޭރަށް ފުޅާކުރުމަށް ވިސްނަވާ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ދިވެހިންގެ ހުނަރާއި ގާބިލުކަން އެބަހުރި ކަމަށާއި އަދި އެކަން ބޭރުގެ ބޮޑެތި ގައުމުތަކުން ވެސް ބަލައިގަންނަކަން މި ދަތުރުން ވެސް ހާމަވެއްޖެ ކަމަށެވެ. އަދި މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށާއި، އިންޑިޔާއާއެކީ ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވާނީ ދެ ގައުމުގެ ގުޅުން ބަދަހިވެ ޒަމާންވީ އެކުވެރިކަން އިތުރަށް އާލާވެގެން ދިއުން ކަމަށް ވެސް ރިޒްވީއާ ހަވާލާދީ އެ ކުންފުނިން ބުންޏެވެ.