ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.
މި ގޮތުން ހޮވި ފަސް ޕްރޮޖެކްޓަކީ:
- ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން - ހާމިދު ރަޝީދު
- ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ނިއު ސްޓާރ ސްޕޯޓްސް ކުލަބް
- ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ފަތުޙުﷲ ޝާތިރު
- ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން - ބުރުނީ ޔޫތް ސްޕޯޓްސް ކުލަބް
- ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ޚާއްސަ ޕާކެއް ގާއިމުކުރުން - އަމީޒާ އަފީފު
ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ހިންގާ ޕްރޮޖެކްޓެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން. މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އުފަލާއެކު ފާހަގަކޮށްލަން. މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މި ކުއާޓަރގެ ކޮމިއުނިޓީ ފަންޑު ކާމިޔާބުކުރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވި އެވެ.
މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.