މިއަހަރުގެ ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރާއި، އާ އަހަރާ ދިމާކޮށް ޕްރައިވެޓް ޖެޓްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓު ފުރާލައިފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފޮނުވި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ދެ ދުވަހުގެ ތެރޭގައި އެކަނި ވެސް އެ އެއާޕޯޓަށް ޕްރައިވެޓް 35 ޖެޓު ޖެއްސި އެވެ. މި ގޮތުން މިދިޔަ އަންގާރަ ދުވަހު އެކަނި 16 ޖެޓް އައިއިރު 15 ޖެޓް ފުރާފައިވެ އެވެ. އަދި ބުދަ ދުވަހު 19 ޖެޓް އައިއިރު 10 ޖެޓް ފުރައިގެން ދިޔަ އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި ޝެޑިއުލުން ދައްކާ ގޮތުގައި، އަންނަ އަންގާރަ ދުވަހަކީ މި ސީޒަންގައި ރިކޯޑު އަދަދަކަށް ޕްރައިވެޓް ޖެޓް އަންނާނެ ދުވަހެވެ. އެގޮތުން އެ ކުންފުނިން ބުނީ އެ ދުވަހު އެކަނި 40 އަށް ވުރެން ގިނަ ޖެޓު އެއާޕޯޓަށް ޖައްސާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގަން އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު މިއަދު ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ މިއަހަރު ސީޒަނަށް އަންނަ ޖެޓް މަދު ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ލަފާކުރަނީ ކޮވިޑްގެ އާ ވޭރިއެންޓާ ގުޅިގެން ގައުމުތަކުން އަޅާ ފިޔަވަޅުތަކެވެ.
"މިދިޔަ އަހަރުގެ ސީޒަނަށް ވުރެ މިފަހަރު ޖެޓްތައް މަދު. އެހެން ނަމަވެސް ފުދޭ ވަރަކަށް ގިނަ އަދަދަކަށް މިފަހަރު ވެސް އަތުވެއްޖެ،" ގައިސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަން އެއާޕޯޓަށް 86 ޖެޓް ޖެއްސިއިރު، މިމަހުގެ މިހާތަނަށް އައީ 37 ޖެޓެވެ.
ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ކޮންމެ އަހަރެއްގެ މިދުވަސްވަރު ރާއްޖެއަށް ގިނަ އަދަދަކަށް ޕްރައިވެޓްތައް އާދެ އެވެ. އަދި ބައެއް ފަހަރު ވީއައިއޭގައި ޕާކުކުރާނެ ޖާގަ ނެތިގެން ގަން އެއާޕޯޓާއި މާފަރު، އަދި މާމިގިލީ، ކުޑަހުވަދޫގައި ވެސް ޖެޓްތައް ޕާކުކުރެ އެވެ.
ގަމަށް ޖެއްސީ މިދިޔަ އަހަރަށްވުރެ ދެ ގުނަ މަދުން. މިއަކީި އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއްނޫން. މިތަން އޮންނަނީ ހުޅުވާފަ ނުހުޅުވާ ދެ ފެން ދޭތެރޭގައި. ތި ތަން ރަންގަޅަށް ޕްރޮމޯޓް ކުރެވި ރަނަގަޅު ޚިދްމަތެއް ދެވޭނަމަ ތިއަށްވުރެ ގިނަ ފްލައިޓް އަންނާނެ. މުސާރަ ނަގައިގެން މައި ސަރުކާރުން ކިޔާހާ ލަވައަކަށް ނެށިޔަކަސް ކަމަކުނުދާނެ. ޒިންމާ އަދާ ކުރައްވާ. މުސާރަ ދެނީ ރައްޔިތުން ބުރަ މަސައަކަތުން ހޯދާ ފައިސާއިން ކަން ހަދާންކޮށްދެން.