ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 100އަށް ވުރެ ގިނަ އައުޓްލެޓްތަކުން އަގުހުރި ފައިދާތަކާއި ޑިސްކައުންޓްތަކާއެކު ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި އެވެ.

މި ޕްރޮގްރާމް ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުން ބަހައްޓައިފައިވާ ދޮރުތަކުގެ ހަގީގަތް ވަނީ ހާމަކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ދޮރުތަކަކީ، އެލީޓްކްލަބް+ މެދުވެރިކޮށް ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ލިބިގެންދާނެ ފުރުސަތުތަކާއި ފައިދާތަކުގެ ރަމްޒެކެވެ.

މި ކަމާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިގޮތުގައި، ދިރާގު އެލީޓްކްލަބަކީ ކުރިން ވަކި ޝަރުތުތަކެއް ހަމަވާ ކަސްޓަމަރުންނަށް ހާއްސަ ދައުވަތަކާ އެކު ދެމުން އައި ހިދުމަތެއް ކަމަށެވެ.

"އެހެންނަމަވެސް، މިއަދު މި ތައާރަފްކުރި އެލީޓްކްލަބް+ އާއެކު، ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް މިހާރު މި ވަނީ މި ހިދުމަތައް ދޮރު ހުޅުވިފައި. އަޅުގަނޑުމެންގެ މަގުސަދަކީ މިއަދު މި ތައާރަފްކުރި އެލީޓްކްލަބް+ މެދުވެރިކޮށް، އަޅުގަނޑުމެންގެ ޕަރޓްނަރުންނާ ގުޅިގެން ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ދިރާގުގެ ކަސްޓަމަރަކަށް ވީތީ، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި އުފާވެރިކަން ލިބިގެންދިއުން."

ދިރާގުން މިއަދު ތައާރަފްކުރި އެލީޓްކްލަބް+ ލޯޔަލްޓީ ޕްރޮގްރާމާއެކު ކަސްޓަމަރުންގެ ދިރިއުޅުމުގެ އެކި ކަންކަމަށް އިތުރު ފުރިހަމަކަމާއި ފައިދާ ލިބިގެންދާނެ އެވެ. މި ޕްރޮގްރާމްގެ ދަށުން ރީލޯޑްކުރުމުން، ބިލަށް ފައިސާދެއްކުމުން އަދި އެޑް-އޯން ފަދަ ހިދުމަތްތައް ނެންގެވުމުން ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި، މި ޕޮއިންޓް ސިސްޓަމްގެ މައްޗަށް ބިނާ ކޮށް ހަތަރު ޓިއަރއެއްގެ ދަށުން މެންބަރޝިޕް ކާޑު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ބްރޮންޒް، ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެއެވެ. ޓިއަރ މަތި ވާ ވަރަކަށް އިތުރު ޑިސްކައުންޓްތަކާއި ފައިދާތައް ލިބިގެންދާނެ އެވެ. އަދި ލިބިފައިވާ ޕޮއިންޓްތައް ރިޑީމްކޮށްގެން އިތުރު ޑޭޓާ، ބިލް ޑިސްކައުންޓް، ގިފްޓް ކާޑު އަދި އެލީޓްކްލަބް+ ޕަރޓްނަރުންގެ ފަރާތުން ރިވޯޑުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ އެވެ.

ދިރާގުގެ އެލީޓްކްލަބްގެ މެންބަރުންގެ ގޮތުގައި މި ވަގުތު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+ އަށް އެންރޯލްވެގެންދާނެއެވެ. އަދި، އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް، އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މިއާއެކު ދިރާގު އެލީޓްކްލަބް+ގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމަށް މަރުހަބާކިޔުމުގެ ގޮތުން ދިރާގުގެ ފަރާތުން 100 ޕޮއިންޓް ލިބިގެންދާނެ އެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.