ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ އެކްޓިން ސީއީއޯ އިބްރާހިމް ތޯހާ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓުކުރާ އެއް ކުންފުނި ކަމަށެވެ. އަދިި އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި، ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށާއި، ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓުފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު މިއަދު ސޮއިކުރަނީ. ފޮޓޯ: އެމްއޭސީއެލް

"އެމްއޭސީއެލް ވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތްކަމަށް އެމްއޭސީއެލްއަށް ވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާއެއްކޮށް. އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ. އަދި ކުރިޔަށްއޮތް ތަނުގައި ވެސް ސްޓެލްކޯއިން އެމްއޭސީއެލް ވެސް އަދި ސަރުކާރުގެ އެހެން އެސްއޯއީސްތަކާއި އެހެން އާންމު ފަރާތްތައް ވެސް އެ ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން އިންޗާޖް ތޯހާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތު ވެސް ކުރަމުންދާ ކަމަށާއި، އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓަ ޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ. އަދި މިވަގުތު އެމްއޭސީއެލްއިން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވާ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއިއެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ، މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ،" ތޯހާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓުފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު މިއަދު ސޮއިކުރަނީ. ފޮޓޯ: އެމްއޭސީއެލް

މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ.

މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފަ އެވެ.