ސުޕްރީމް ކޯޓްގެ ހުކުމާ އެއްގޮތަށް، ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަޝްހޫރު ވިޔަފާރި ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ކުރީ ސަރުކާރުން ވަނީ 2107 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.
އެ އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް އަތުލަން އޭރު ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާ ހިލާފަށް ހިންގި ކަމަށް ބުނެ އެވެ.
ކޯޓުގެ މި ނިންމުމާއެކު ވިލާ އެއާއިން ވަނީ މި މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓްގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އަދި އެ ދެ ކޯޓުން ވެސް މައްސަލަ ނިންމާފައި ވަނީ ވިލާ އެއާ އާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށް ކަނޑައަޅާ އެއާޕޯޓް ވިލާއާ ހަވާލުކުރުމަށް ދެ ކޯޓުގެ ހުކުމްގައި ވެސް ވެ އެވެ.
ދަށު ކޯޓްގެ ނިންމުންތައް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކުރީ މި ސަރުކާރު އައި ފަހުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް ވަނީ ދަށު ކޯޓްގެ ނިންމުންތަކަށް ތާއީދުކޮށް އެ ނިންމުންތައް ދަމަހައްޓާފަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ވިލާ އެއާ އާ އެއާޕޯޓް ހަވާލުކޮށްފައެއް ނުވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ސުޕްރީމް ކޯޓްގެ ހުކުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކުރުމުގެ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިންނެވެ.
ކާޑެއްދޫ އެއަރޕޯޓްގެ ހާލަތު ދަށަށްދާކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް، އެ އެއާޕޯޓަށް މީހުން އަރާ ފޭބުމަށް ބޭނުންކުރަމުން އައި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް ދާދިފަހުން ވަނީ ވެއްޓިފަ އެވެ. އަދި އެމްޓީސީސީން މިހާރު ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.