ހއ. އުލިގަމުގައި ޔޮޓު ބަނދަރަކާއެކު ޓުއަރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުށަހަޅަން ހުޅުވާލުމަށް ނިންމައިފި އެވެ.

ޓުއަރިސްޓް ހޮޓަލެއް، ޔޮޓު ބަނދަރާއެކު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުގައެވެ. ނަމަވެސް ހުޅުވާލުމުން އެއްވެސް ފަރާތެއް ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަން ހުޅުވާލަމަށް ހުޅުވާލަން ނިންމީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއްވެސް މީހަކު ބީލަން ހުށަހަޅާފައި ނުވިނަމަވެސް ގިނަ ބަޔަކު އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވާއިރު ދެ ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އުލިގަމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓުއަރިސް ހޮޓަލަކާއެކު ޔޮޓު ބަނދަރެއް ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އުލިގަމުގައި ޔޮޓް ބަނދަރެއް ގާއިމުކުރާއިރު އެ ސަރަހައްދަކީ ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރާ ސަރަހައްދެކެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރު 2010 ވަނަ އަހަރުން ފެށިގެން މަދުވެފައިވާ ކަމަށާއި އެކަން އެގޮަށް ދިމާވީ، އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުން ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ވަނީ ލުއި ތަކެއް މިއަހަރުގައި ދީފަ އެވެ.