އާމްދަނީ އިތުރުކޮށްގެން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.
"މިއީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް. ނަމަވެސް މި ހިނގާ 2020 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެއް. އާމްދަނީ އަނބުރާ ކޮވިޑުގެ ކުރިން ހުރި މިންވަރާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ގައި،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އާމްދަނީގެ މައިގަނޑު ބައިތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.8 ބިލިއަން ރުފިޔާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރު އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންތައްތައް
- މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ލަފާކޮށްފައިވޭ
- ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މި ސިނާއަތުން އާމްދަނީ ހޯދުން.
- ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްގީކުރުމަށް ހުޅުވާލުން
- ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުން.
- ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމަށް ހުޅުވާލުން.
- ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައް ވެސް ބިމެކޭ އެއްގޮތަށް ތަރައްގީކުރުމަށް ހުޅުވާލުން.
- ޕާކިން ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުން.