މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް ލިޓްރަސީ ފެސްޓިވަލްގެ ހަރަކާތްތައްމިމަހު ހއ. އަތޮޅުގައި ބާއްވާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ ދަށުން، ތިލަދުންމައްޗަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ ހަ ރަށަކަށް އެމްއެމްއޭގެ ޓީމުތަކުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ފިންލިޓް ފެސްޓް 2026 ގެ ހއ. ދަތުރު އޮންނާނީ މި މަހު 20-22 އަށެވެ.

ފިންލިޓް ފެސްޓްގެ ހއ. ދަތުރުގައި މި ރަށްރަށުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ އެކިއެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅޭ ގޮތުން ވެސް މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. އަދި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެމްއެމްއޭއިން ކުރިއަށް ގެންދާ "މެކްރޯއިކޮނޮމިކްސް އަވެއާނެސް ސެޝަންތައް" ވެސް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން، މާލީ ހޭލުންތެރިކަމާ ގުޅުންހުރި އިތުރު ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ވެސް ދިއްދޫ އާއި ވަށަފަރުގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެ އެވެ. މި ހަވީރުގައި ހއ. ގެ ރަށްރަށުގައި ހިމެނޭ އެކިއެކި އިދާރާތަކުން ވެސް ބައިވެރިވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ހިމެނެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފައިސާގެ ތާރީހާ ގުޅޭ ސްޓޯލެއް ވެސް ބަހައްޓާނެ އެވެ. އަދި މިއީ މި އަހަރު އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ވެސް ގިނަ ބަޔަކު ވަރަށް ޝައުގުވެރިވި ސްޓޯލެއްކަން އެ ބޭންކުން ފާހަގަކުރި އެވެ.

ހއ. އަތޮޅުގެ ރަށްތަކުގައި އެމްއެމްއޭއިން ފިންލިޓް ފެސްޓް ކުރިއަށްގެންދަނީ އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ. އެމްއެމްއޭ ފިންލިޓް ފެސްޓް އަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެކިއެކި މުބާރާތްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވާފައިވެ އެވެ. އަދި މި އަހަރު ވެސް ވަނީ ފިންލިޓް ފެސްޓް ބަހުސް މުބާރާތާއި ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ވެސް ކުރިއަށް ގެންގޮސްފަ އެވެ.