އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު 5-7 ޑިސެންބަރަށް ބާއްވަން ނިންމައިފި އެވެ.
ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ހާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެގޮތުގެ މަޝްވަރާތައް ކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ.
މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތުކުރުމާއި ޑިޖިޓަލް ފައިނޭންސާއި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުޟޫއަކަށް ވާހަކަތައް އަމާޒުކުރަން ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ރިސާޗް ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތަކެވެ. މި ބައި ކުރިއަށް ދާނީ އެމްއެމްއޭގައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށްދާނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އަދި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރު އެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ. އެމްއެމްއޭ ރިސާޗްކޮންފަރެންސްގެ މައުލޫމާތު މި ވެބްސައިޓުން ލިބޭނެ އެވެ.

