ޓެކުހުގެ ފައިސާ ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން އާއްމު ލިސްޓްގައި މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އެންޓަ ޕްރައިސަސް ހިމެނެ އެވެ. މީގެ އިތުރުން ވަގުތު ނޫސް ހިންގާ ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށީ މިތުރު ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ހުޅުމާލޭގައި މީހުންގެ އަތުން ފައިސާ ނަގައިގެން ފްލެޓްތަކެއް އަޅަން ފަށައި ނުނިންމި ޖާހް ޕްރައިވެޓް ލިމިޓެޑް އަދި ޖާޔާ އެސްއެސް، އެލްބިއަން ސްޓޯރު ހިންގާ އާސްކް ހޮލްޑިން ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެ އެވެ.
ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000 އަށް ވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި ހާޑްވެއާ ވިޔަފާރިތައް ހިމެނެ އެވެ.
ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް އެ ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި އަޅާނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.

