ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ކާނިވާ 44" މާދަމާ، 11 ނޮވެންބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖައްސައިފި އެވެ.

އެ ބޭންކުން ބުނިގޮތުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލް ހިމެނެ އެވެ.

ބީއެމްއެލް އިން ބުނީ ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ނޮވެންބަރު 11 އިން 14 އަށް ކުރިއަށްދާ މި ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ މި ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ކަމަށެވެ.