މިދިޔަ އޮކްޓޫބަރު މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 2.28 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %11.8 އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮކްޓޫބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.9 އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

އޮކްޓޫބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޫބަރު 2026 ގައި ލިބިފައިވާ އާމްދަނީ %11.8 އިތުރުވި މައިގަނޑު ސަބަބަކީ، އާންމު ދާއިރާގެ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިތުރުވެފަ އެވެ.

އޮކްޓޫބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، އާންމުދާއިރާގެ ޖީއެސްޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އިތުރުވުމެވެ. ހަމަމިއާއެކު، މި މުއްދަތުގައި ލިބުނު އާމްދަނީގެ %19.6 ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނިގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޮކްޓޫބަރު 2026 ގައި ވަނީ ޖުމްލަ 448 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 171 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 161 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 98 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެ އެވެ. ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 8 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން ވެސް 10 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

އޮކްޓޫބަރު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ %58.9 ނުވަތަ 1.3 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %10.9 ނުވަތަ 248 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (%6.8)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި151 މިލިއަން ރުފިޔާ (%6.6)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ (%6.5)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ (%3.2) ލިބިފައިވެ އެވެ.

މީރާ އިން ބުނިގޮތުގައި އޮކްޓޫބަރު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.3 ބިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.