އިންޑިއާގެ ޓާޓާ ގްރޫޕުގެ ރިއަލްޓީ ފާމް، ޓާޓާ ހައުސިން އިން ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުރި ބިމާއި މަޖީދީމަގު އޯޑިއޯން ބިމުގައި ލަގްޒަރީ ރެސިޑެންޝަލް ދެ މަޝްރޫއެއް ހިންގަން ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން އުޅުނު ކުންފުނިން އެތަނަށް އިންވެސްޓްކުރާނީ 36 މިލިއަން ޑޮލަރު (555.12 މިލިއަން ރުފިޔާ) ކަމަށް ބުނެފި އެވެ.
އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.
އެ ދެތަނުގައި މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން 2017 ގައި ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންގޮސް މި ސަރުކާރުން ވަނީ ޓާޓާއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ބުނެ އެ ދެ ބިން އެ ކުންފުންޏަށް އަލުން ދީފަ އެވެ.
މި ދެ މަޝްރޫއުގެ ދަށުން އެ ކުންފުނިން 117 ވަރަކަށް ހައުސިން ޔުނިޓް ޢިމާރާތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ޓާޓާ ހައުސިން އިން ނެރުނު ބަޔާނެއްގައި ބުނީ މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ހައުސިން މާކެޓަށް ވަދެފައިވާ ޓާޓާ ހައުސިން އިން މިހާރު ވެސް ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ސޯޝަލް ހައުސިންގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ޓާޓާއެކު ހެދި "ޑީލެއް"ގެ ދަށުން އަމީނީމަގު ކުރީގެ ގާކޮށީގަ އާއި މަޖީދީމަގުގައި ކުރިން އަރަބިއްޔާ ސްކޫލް ހިންގި ތަނުގައި ހެދި ފްލެޓްތަކުގެ ފެންވަރު ދަށްވެގެން ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
"ގާތްގަނޑަކަށް 36 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ޓާޓާ ހައުސިން އިން މާލޭގެ ނާދީ އާއި އޯޑިއޯންގައި ދެ ރެސިޑެންޝަލް ޕްރޮޖެކްޓް ތަރައްގީ ކުރާނެ. މި މަޝްރޫއުގެ ދަށުން މި ސަރަހައްދުގެ ލަގްޒަރީ ތިން ކޮޓަރީ އެޕާޓްމަންޓްތަކުގެ ގާތްގަނޑަކަށް 117 ޔުނިޓް ލިބޭނެ،" އެ ބަޔާނުގައި ވެ އެވެ.
މަޖީދީ މަގު އެންމެ ބާރުބޮޑު ސަރަހައްދުގައި ތަރައްޤީކުރާ މި މަޝްރޫއަކީ ދިވެހި ސަރުކާރާއި އެ ކުންފުންޏާ ގުޅިގެން ހިންގާ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕެއްގައި ތަރައްގީކުރާ މަޝްރޫއެއް ކަމަށް ބުނެފައިވެ އެވެ.
ޓާޓާ ހައުސިން އިން މި ދެ ރެސިޑެންޝަލް ޕްލޮޓް ތަރައްގީ ކުރަން ރާވާފައި ވަނީ 250،000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ.
މި ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓާޓާ ހައުސިން އެންޑް ޓާޓާ ރިއަލްޓީ އެންޑް އިންފްރާސްޓްރަކްޗާ ލިމިޓެޑްގެ ސީއީއޯ ސަންޖޭ ދަތު ވިދާޅުވީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"ނާދީ އާއި އޯޑިއޯން ވެގެންދާނީ މާލެ ސިޓީ އާއި ދިވެހި ރައްޔިތުންގެ ފަޚުރަށް. އެއީ ޕްރިމިއާ ރެޒިޑެންޝަލް ޑިވެލޮޕްމަންޓެއް،" އޭނާ ވިދާޅުވި އެވެ.
ޓާޓާ ހައުސިންއަކީ، ގެދޮރު ގަންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ތަޖުރިބާ އިތުރުކޮށްދޭނެ ފަރާތެއް ކަމަށް ވެސް ދަތު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ރާއްޖޭގެ އިގްތިސާދުގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ފެންވަރު މަތިވަމުން އަންނަ މިންވަރަށް ބަލާއިރު، މާލެ ސިޓީއަށް އިތުރު ކަންތައްތަކެއް ބޭނުންވާ ކަމަށެވެ.
"ޒިންމާދާރު ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އަހަރެމެންގެ ދައުރު އަދާކުރަން އަހަރެމެން މިތިބީ ތައްޔާރަށް،" ދަތު ވިދާޅުވި އެވެ.
ޓާޓާ ސަންސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓާޓާ ރިއަލްޓީ އެންޑް އިންފްރާސްޓްރަކްޗާ ލިމިޓެޑަކީ އިންޑިއާގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.