ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ އޮގަސްޓު މަހު ޖުމްލަ 497 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.
މީރާއިން ބުނީ އެ ފައިސާގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން ލިބުނު 302 މިލިއަން ރުފިޔާ އާއި ޑިއުސް ކްލިއަރެންސްގެ ތެރެއިން ލިބުނު 77 މިލިއަން ރުފިޔާ އާއި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން ލިބުނު 105 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން ހަތް މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކްޝަން ޕޮލިސީގެ ދަށުން 0.89 މިލިއަން ރުފިޔާ އާއި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 4.60 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.
އޮގަސްޓު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.42 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14% އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮގަސްޓު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24% އިތުރު އަދަދެކެވެ.
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ 14% އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއްނުވެ އެވެ. ހަމަމިއާއެކު، ވާކް ޕާމިޓް ފީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އިތުރުވެފަ އެވެ.
އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމު ދާއިރާގެ ޖީއެސްޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް އިތުރުވުމެވެ. އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓަށް މުއްދަތު އިތުރު ކޮށްފައިވާތީ އެވެ.
މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ލިބިފައިވުމަކީވެސް އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީގެ 14.8% އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 3.01% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
އޮގަސްޓު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51.5% ނުވަތަ 1.25 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 20.2% ނުވަތަ 490 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200 މިލިއަން ރުފިޔާ (8.3%)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ (6.0%)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 144 މިލިއަން ރުފިޔާ (5.9%)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ (3.2%) ލިބިފައިވެ އެވެ.
އޮގަސްޓު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

