ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ ނިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ދައްކަންޖެހޭ ފައިސާއާއި ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން އެކަން ކުރިއަށްގެންދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި ނިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބިވާ ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ އަދަދު ޓެކްސް ފައިސާއިން އަޅައިކެނޑުމަށްފަހު ބާކީ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ އެވެ.
އަނެއްކޮޅުން އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާއަށްވުރެ ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވާނަމަ، ދައްކަންޖެހޭ ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ހަލާސްކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި އިންތިޒާމުގެ ދަށުން ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު މީރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

