ޕީކް ސީޒަނާ ދިމާކޮށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެއްޖެ އެވެ.
މި އަހަރުގެ މާޗު މަހު މެދުއިރުމަތީގައި އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއްކޮށް ޓޫރިސްޓުން އަންނަ މިންވަރު މަދުވި ނަމަވެސް، ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް މިހާރު އަނެއްކާވެސް ޓޫރިސްޓުން އަންނަ މިންވަރު ވަނީ އިތުރުވާން ފަށާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރީ 192،398 ޓޫރިސްޓުންނެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޒިޔާރަތްކޮށްފައި ވަނީ 174،193 ޓޫރިސްޓުންނެވެ. ނިމުނު އޮކްޓޯބަރު މަހު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އެ މަހުގެ 17 ވީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު 8،621 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 1،775،974 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 74 އިންސައްތަ ނުވަތަ 1،292،053 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 39،112 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.
އުމުރުފުރާތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 15 އިންސައްތައަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ޓޫރިސްޓުންނެވެ. އަދި 65 އަހަރުން މަތި ނޫން ހުރިހާ އުމުރުފުރައަކުން ވެސް އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ އަންހެން ޓޫރިސްޓުންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި 18.9 އިންސައްތައާއެކު އުޅެނީ ޗައިނާ އެވެ. ދެވަނައިގައި ރަޝިޔާ އުޅޭއިރު، ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ.

