މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭ "އަވަސް ރައިޑް"ގެ އެޕްލިކޭޝަން ޑައުންވެ، ހިދުމަތް ހުއްޓިއްޖެ އެވެ.

އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރަކު މިރޭ ބުނީ މިއަދު ހަވީރު 5:00 ހާއިރުން ފެށިގެން އަވަސް ރައިޑްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"އެޕްލިކޭޝަން ޑައުންވެފައި ހުއްޓަސް އެޕް އޮންކޮށްލީމަ ދަތުރު އެބަ އާދޭ. އެކަމަކު ދަތުރެއް ނުނެގޭ،" އޭނާ ބުންޏެވެ.

އެ ޑްރައިވަރު ބުނީ އަވަސް ރައިޑް ޑައުންވުމުން އެ އެޕްލިކޭޝަން އޮޕަރޭޓްކުރާ ކުންފުންޏަށް ގުޅުމުން އެއްވެސް މީހަކު ފޯނަށް ޖަވާބެއް ނުދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޓެކްސީ ސެންޓަރުތަކަށް ވުރެ ގިނައިން ދަތުރު ލިބޭ އެޕްލިކޭޝަނުން. އަނެއްކާ ޕްރައިވެޓް ކާރުތައް ވެސް ގިނައިން ބޭނުންކުރަނީ މި އެޕްލިކޭޝަން. މި މައްސަލަ ދިމާވި ކަމެއް އަވަސް ރައިޑުން ވެސް އަޅުގަނޑުމެންނަށް ނާންގާ،" އޭނާ ބުންޏެވެ.

ގާތްގަނޑަށް 2،500 އެއްހާ ވެހިކަލް އޮޕަރޭޓްކުރާ އެޕްލިކޭޝަން ޑައުންވުމުން ގިނަ ބަޔަކު ޝަކުވާކުރަމުން ފެށުމުން މިރޭ ކަސްޓަމަރުންނަށް ވަނީ އެޕްލިކޭޝަން ޑައުންވެފައިވާކަން ފޯނުތަކަށް ނޮޓިފިކޭޝަނަކުން އަންގައިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.