ހުޅުމާލޭގެ ދިހަ ބިމެއްގައި އެޕާޓްމަންޓް އިމާރާތް އަޅާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީއިން ކޮންފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ދިހަ ބިމުގައި އެޕާޓްމަންޓް އިމާރާތް އަޅާ ހިންގުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެއް އެޅުމަށް 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިން ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން ބުނީ ބިން ދޫކުރުމަށް ނިންމާފައިވަނީ ފޭސް ދޭއްގެ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާއި ކައިރިން އަށް ޕްލޮޓާއި ފޭސް އެކެއްގެ ނެއިބާހުޑް ދޭއްގެ ނިރޮޅު މަގު 20 ނަމްބަރު ގޯޅީގައި ހުންނަ ޕްލޮޓެއްގެ އިތުރުން ނެއިބާހުޑް އެކެއްގެ ރީތިގަސް މަގާއި ގުލްޗަމްޕާ މަގު ގުޅޭ ކަންމައްޗަށް ހުސްކޮށް އޮތް ޕްލޮޓުން ކަމަށެވެ.

ހުޅުމާލޭގައި އެޕާޓްމަންޓް އަޅައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ކަމަށް އެޗްޑީސީއިން ބުނެ އެވެ. އަދި އެޕާޓްމަންޓް އަޅައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީގެ އިޢުލާނުގައިވެ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި ޢިމާރާތްކުރާ ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 1.5 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށެވެ. އޭގެ އިތުރުން އެޕާޓްމެންޓްތަކުގައި ފިނިޝިން މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް ކުރަންޖެހޭނީ އެޗްޑީސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އެކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ އެޕާޓްމަންޓްއަޅާ ބިންތަކުގައި ހަދާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަރައްގީ ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން ކާރު ޕާކްކުރަން ޖާގަ ވިއްކުމަށް އޮންނަ އަގަކީ ފޫޓަކަށް 1،000 ރުފިޔާ އެވެ.

އެޗްޑީސީން ބުނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތްތަކުން އެޕާޓްމަންޓްތައް އިޝްތިހާރުކުރަން ވާނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނަގަން ވާނީ، އެޕާޓްމަންޓް ވިއްކުމުގެ ކުރިން އެޗްޑީސީން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. އަދި އެޕާޓްމެންޓް ތަރައްގީކުރާ ފަރާތްތަކުން އެއް އެޕާޓްމެންޓަށްވުރެ ގިނަ އެޕާޓްމެންޓް އެއްފަރާތަށް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.