މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ދާއިރާގެ 72 ޕަސެންޓް ވިޔަފާރިއަށް ޔޫކުރޭން ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރުކުރިކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ސާވޭއިން ދައްކައިފި އެވެ.

އެމްއެމްއޭއިން ކޮންމެ ކުއާޓާއެއް ނިމުމުން އާންމުކުރާ ކުއާޓާލީ ބިޒްނަސް ސާވޭގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ސާވޭއިން ދެއްކި ގޮތުގައި، އެ ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ 72 ޕަސެންޓް ވިޔަފާރިއަށް އެ ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވެ އެވެ.

ގިނަ ރިސޯޓްތަކާއި ހޮޓާތަކުން އަންދާޒާކުރީ ރަޝިޔާއިން 20 ޕަސެންޓް ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް ރަޝިޔާ މާކެޓުން ލިބޭނެ ކަމަށް އުންމީދުކުރި އާމްދަނީ 10 ޕަސެންޓަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް 30 ޕަސެންޓްގެ ވިޔަފާރިވެރިން ބުންޏެވެ. އިތުރު 34 އިންސައްތައިން ބުނެފައިވަނީ 10 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ މިންވަރަކަށް ރަޝިޔާ މާކެޓުން ލިބުނު އާމްދަނީ ދަށްވި ކަމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން އަންދާޒާކުރެ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ވިޔަފާރިތަކުން އަންދާޒާކުރަނީ ބުކިންތައްވެސް ކުރިން އަންދާޒާކުރި ވަރަށްވުރެ ދަށަށް ދާނެކަމަށެވެ. އެކަމުގެ ސަބަބުން ލިބޭ އާމްދަނީއަށް ވެސް އަސަރުކުރާނެ އެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން ރޭޓް ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.