ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އަމިއްލަ މީހުން ހަދާފައި ހުރި ކާބޯތަކެތި ވިއްކާ ތަންތަން ރޫޅާލައި، ނެގުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.

ހިޔާ ފްލެޓް ސަރަޙައްދުގައި ގަވައިދާ ޚިލާފަށް ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން މިދިޔަ މަހު އަންގާފައިވެ އެވެ.

އެޗްޑީސީގެ އެންގުމާ ހިލާފަށް ރޫޅާނުލައި ހުރި ތަންތަން ރޫޅާލީ އެޗްޑީސީގެ މުވައްޒަފުންނާއި ފުލުހުން ގޮސް އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.

އެ ކުންފުނިން އެގޮތަށް އެންގީ އެ ސަރަޙައްދަކީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަޙައްދަށް ވުމާއެކު، ކާބޯތަކެތި ގެންގުޅުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑަށް ހުރަސްއެޅޭތީ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކާބޯތަކެތި ވިއްކާ ތަނެއް މިއަދު ރޫޅާލާފައި. ފޮޓޯ: ކިޔުންތެރިއެއް

އެޗްޑީސީން ބުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދައްވެފައި، މިފަދަ ތަންތަނުގައި ދޭ ޚިދުމަތުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ޚިދުމަތްތައް ދެމުންދަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ކަނޑައަޅާފައިވާ ގަވާއިދުތަކާ ވެސް ޚިލާފަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ގާޑިޔާތައް ނެގުމުގެ މަސައްކަތް ރޯދަމަހުގެ ތެރޭގައި މަޑުޖައްސާލުމަށްފަހު އަނެއްކާ ވެސް އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ސަރަހައްދު ހުސްކުރުމަށްފަހު މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަޙައްދަށް މީހުން ބަދަލުވާން ފެށިތާ ނުވަ މަސް ވެފައިވާއިރު، އެތަނުގައި ޚިދުމަތް ދެމުންދަނީ ވަރަށް މަދު ފިހާރައަކުންނެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭއެއް ރެސްޓޯރަންޓެއް ވެސް އެ ސަރަހައްދުގައި ނުހުރެ އެވެ.