މިއީ ޓޫރިޒަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދައި، ޓޫރިޒަމްގެ ވިޔަފާރީގެ އާ އުކުޅުތައް ތައާރަފް ކުރަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ދަ ސްޓޭންޑިން ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި ތަގުރީރު ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ.
ޑރ. މައުސޫމް ވިދާޅުވީ މިއީ ޓޫރިޒަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދާ ޓޫރިޒަމްގެ ވިޔަފާރީގެ އާ އުކުޅުތައް ތައާރަފު ކުރަންވީ ވަގުތު ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މައުސޫމް ވަނީ ރާއްޖޭގެ ޓޫރިޒަމުން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަން ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނޮވެމްބަރު 25 ން 26 ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކްގެ ޗެއާމަން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ.
ކޮމްސެކްއަކީ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ ހަތަރު ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީ އެވެ. ކޮމްސެކްގެ މެންބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު ހިމެނެ އެވެ.
މި ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އޮތައިމީން އާއި މެންބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.