ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލެ ބްރާންޗްގެ ހިދުމަތްތައް އަލުން ފަށަން މަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ބުނެފި އެވެ.
ހ. ސަންލީޓް (ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް) އާ ޖެހިގެން ހުންނަ ކެފޭ ޓިއޮލޯގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެސްބީއައި މާލެ ބްރާންޗްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އެ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އިމާރާތް މާރާމާތުކޮށްގެން އަލުން ހިދުމަތް ފެށުމަށް މަހެއް ނުވަތަ ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރޭ ކަމަށެވެ.
"މިވަގުތު އެތަނުގެ ތެރޭގައި އެއްވެސް ހިދުމަތެއް ދެވޭ ވަރެއް ނޫން. އެހެން ނަމަވެސް ކުރިން ޗައިނާ ގާޑެން ހިންގި ތަނުގެ ކުރިމަތީގައި ހުންނަ ތަނުގައި އަޅުގަނޑުމެން އެޕްލިކޭޝަން ފޯމް ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.
އެ ބޭންކުން ނެރުނު ނޯޓިސްއެއްގައި ބުނެފައި ވަނީ ފައިސާގެ ހުރިހާ މުއާމަލާތެއް ހިންގުން ހުޅުމާލޭގައި ހުންނަ ބްރާންޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޑިޕޮޒިޓް ކްލިއަރިން އަދި ޗެކް ޓްރާންސްފާ އާއި އާރުޓީޖީއެސް ރިކުއެސްޓް އާއި ޓީޓީ، ރެމިޓެންސް ރިކުއެސްޓް ހިމެނޭ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ މާލޭ ބްރާންޗާއި ހުޅުމާލެ ބްރާންޗާ ދެމެދު ކަސްޓަމަރުން އުފުލުމަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 8:00ން ފެށިގެން ހަވީރު 6:00 އާ ދެމެދު ކޮންމެ ގަޑިއަކު އެއްފަހަރު ދަތުރެއް އޮންނާނެ ކަމަށް ވެސް އެސްބީއައި އިން ބުންޏެވެ.
އެ ބޭންކުން ބުނީ ދިމާވި ހާދިސާއަށްފަހު ކަސްޓަމަރުންނަށް ހިދުމަތް ދިނުން ލަސްކަމެއް އުޅޭނެ ކަމަށެވެ. އެހެން ނަމަވެސް މެދުނުކެނޑި ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެސްބީއައި އިން ބުންޏެވެ.
އެސްބީއައިގެ ހުޅުމާލެ ބްރާންޗު ހުންނާނީ އަމީން އެވެނިއު އޯކް ޔުނިޓް ތިނެއްގެ ތިރީގަ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެސްބީއައި ހިންގާ ގަދަގޭ މުހައްމަދު ފުޅު ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.