ދިވެހީންގެ މެދުގައި މަގްބޫލު އޮންލައިން ވިޔަފާރި، "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނަން ޝިޕިން ފީއެއް ނަގަން ފަށައިފި އެވެ.

"ޝެއިން" އިން ރާއްޖެއަށް މުދާ ގެންނައިރު 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ކުރިން ހިލޭ ޝިޕްކޮށްދެއެވެ. ނަމަވެސް މިހާރު ވަނީ ރާއްޖެއަށް ގެންނަ މުދަލުން ޝިޕިން ފީއެއް ނަގަން ނިންމާފަ އެވެ.

އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް މިހާރު 30 ޑޮލަރު ނަގާނެ ކަމަށް "ޝެއިން"ގެ ވެބްސައިޓުން ދައްކަ އެވެ. އިތުރަށް ގެންނަ ކޮންމެ އެއްޗަކުން ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރާނެ ކަމަށް ވެސް އެ ވެބްސައިޓްގައިވެ އެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލަކީ 200 ޑޮލަރު ހަމަނުވާ ނަމަ އައިޓަމަކަށް 24 ޑޮލަަރުގެ ރޭޓުން ޝިޕިން ފީ ނެގުމެވެ. "ޝެއިން" އިން އިތުރު ފީއެއް ނަގަން ނިންމާފައި މިވަނީ ދުނިޔޭގެ ބާޒާރުގައި އިންތިހާ ދަރަޖައަށް ތަކެތީގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރާއްޖެއިން ބޭރުން ކުރާ އޮންލައިން ވިޔަފާރީގައި ދިވެހީން މިހާތަނަށް "ޝެއިން" އިޚްތިޔާރުކުރަމުން އައީ 200 ޑޮލަރަށް ވުރެ ގިނައިން މުދާ ނެގުމުން ހިލޭ ޝިޕްކޮށްދޭތީ އާއި ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި އޯޑަރުކުރާ މުދާ ލިބޭތީ އެވެ.