ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ސީޕްލޭން ޓާމިނަލުން "އެކްޒެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ދެވަނަ ފަހަރަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ފުރަތަމަ އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ.
ބުރާސްފަތި ދުވަހު އެމްއޭސީއެލްއިން ކޮށްފައިވާ އިއުލާނުގައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން، ޝައުގުވެރިކަން ފާޅުކުރަން އެދިފަ އެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދެއްވަން ވާނެ ކަމަށާއި، އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލުގެ އިއުލާނުގައިވެ އެވެ.
އެތަން ކުއްޔަށް ހިފަން ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން، ޓުއާ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި 10،000 ޑޮލަރު ނުވަތަ އެއާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ. ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފަ އެވެ.
އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.
އެތަނުގައި ލައުންޖް ހަދަން ކަނޑައަޅާފައިވާ ޖާގަތައް ޓީއެމްއޭއަށް ދިނުމަށް މަޝްވަރާކޮފައިވާ ކަމަށް ބުނެ އެހެން އޮޕަރޭޓަރުން ޝަކުވާކޮށް ބޮޑު މައްސަލަ ގަނޑަކަށް ހެދި އެވެ. އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް އެ ކުންފުންޏަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.
އެންމެ ފަހުން އެމްއޭސީއެލް އިން ލައުންޖް ހަދާނެ ޖާގަތައް ކުއްޔަށް ދޭން އިއުލާންކުރީ ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ގެންދިއުމާ މެދު އޭސީސީގެ ލަފާ ހޯދުމަށްފަހު އެވެ.
އެ ކުންފުނިން ނެރުނު އިއުލާނާ ގުޅިގެން 30 އަށް ވުރެ ގިނަ ފަރާތުން ކުއްޔަށް ހިފަން ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް އެކި ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބު ނުދެވި ލަސްވެ، ބިޑް ހުށަހެޅުމުގެ މުއްދަތު އެކި ފަހަރު ލަސްކޮށް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެންގީ ބިޑް ހުށަހެޅުން މިމަހުގެ 23ގެ ނިޔަލަށް ލަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.
އެ އިއުލާން ބާތިލުކުރިއިރު، އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތަކަށް ޝައުގުވެރިކަން ފާޅުކުރި ފަރާތް ތަކަށް ބިޑް ހުށަހަޅަން ފުރުސަތު ދީފައި ވަނީ އަކަ މީޓަރެއް 70 ޑޮލަރުގެ ރޭޓުންނެވެ.
އެމްއޭސީއެލްއިން ދޫކުރި ބިޑް ޑޮކިއުމެންޓްގައިވާ ގޮތުން އެ ތަންތަން ކުއްޔަށް ދެވޭނެ އެންމެ ކުޑަ އަގަކީ އަކަ މީޓަރެއް 70 ޑޮލަރަށެވެ. މީގެ އިތުރުން މި ތަނުން ހިދުމަތް ހޯދާ ކޮންމެ މީހެއްގެ ބޮލަކަށް 20 ޑޮލަރުގެ ފީއެއް ނަގާނެ އެވެ. އެހެންވެ މިއީ 28،000 އަކަމީޓަރު ހިމެނޭ، އާ ސީޕްލޭން ޓާމިނަލުން 6،400 މީޓަރުގެ ޖާގައެއް ލިބިފައިވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޖާގަ ދޭން ސަރުކާރު މެދުވެރި ވެގެން އެއްބަސްވެފައިވާ އަގަށްވުރެ ގާތްގަނޑަކަށް ހަތް ގުނަ ބޮޑު އަގެކެވެ. ޓީއެމްއޭ އަށް ޖާގަ ދީފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.
އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ބިޑަށް ލާފައިވާ އަގު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރި އެވެ. ބިޑް ހުށަހަޅަން ޝައުގުވެރިކަން ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މި ވަރުގެ އަގެއް ޖެހުމަކީ މި ހާލަތުގައި ޓޫރިޒަމް ސެކްޓާ އަށް މާލީ ގޮތުން ވެސް ދަތި ތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އެ ޓާމިނަލް ކުއްޔަށްދޭ އެމްއޭސީއެލް އިން އިއުލާންކުރި އިރު އެ ޓާމިނަލުން ލައުންޖް ހަދަން ޖާގަ ދޭއިރު 10،000 ޑޮލަރު ނުވަތަ އެއާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.
ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ. މީގެ ތެރެއިން 6،400 މީޓަރުގެ ޖާގަ، ޓީއެމްއޭއަށް ކުރިއަށް އޮތް ދެ އަހަރު، އަކަމީޓަރެއް 10:35 ޑޮލަރުގެ ރޭޓުން ދޭން، އެމްއޭސީއެލްގެ ބޯޑަށް ފިނޭންސް މިނިސްޓްރީން، މިދިއަ ފެބްރުއަރީ މަހު ލަފާދިނެވެ. އެގޮތަށް ލަފާދިނީ، މާކެޓް ރޭޓަށް ވުރެ މާ ދަށް އަގެއްގައި، 15 އަހަރު ދުވަހަށް މުޅި ޓާމިނަލް ކަހަލަ ގޮތަކަށް ޓީއެމްއޭއަށް ދޭން، އެމްއޭސީއެލުން މަޝްވަރާކޮށް، އެއްބަސްވުމަކާ ހަމައަށް ވެސް ދެވިފައި އޮއްވަ އެވެ.
އެކަމަކު ސަރުކާރުން މެދު މިންވަރުގެ ހައްލެއް ހޯދައިދިނީ އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް ވަނުމާއި، ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އުފެދުމުންނެވެ.
މިއީ ސީ ޕްލޭން ޓާމިނަލްގައި ލައުންޖް ހަދަން ސީދާ އެމްއޭސީއެލުން ރިސޯޓްތަކަށާއި ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކުގެ އިތުރުން ޓުއަ އޮޕަރޭޓުންނަށް ޖާގަ ދޫކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސީ ޕްލޭން ޓާމިނަލް ހަދައި ހިންގީ ޓީއެމްއޭ ކަމަށް ވާތީ، ހުރިހާ ބާރެއް ދީފައި އޮތީ، ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓާމިނަލުން ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.