އެމްޑަބްލިއުއެސްސީގެ އީ ޕޯޓަލަށް އިތުރު ބަދަލުތަކެއް ގެނެސްފައިިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާ ވެސް ލުއިފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށެވެ.
އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލްއަށް އައު ބަދަލުތަކެއް ގެނެސް ވަނީ އިތުރަށް ތަރައްގީކޮށްފައިވާ ކަމަށާއި މި ބަދަލުތަކާއެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުނަނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީގެ އީ-ޕޯރޓަލްއަށް ގެނެވިފައިވާ ބަދަލުތަކަކީ:
- އީޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވޭނެ
- އީ-ޕޯޓަލްއަށް ލޮގިންވުމަށް އީ-މެއިލްގެ ބަދަލުގައި މިހާރު މޯބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިންވެވޭނެ.
- އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ. އަދި ޕާޓް- ޕޭމންޓް އުސޫލުން ވެސް ބިލްތަކަށް މިހާރު އީ-ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ.
- އީ-ޕޯޓަލްގައި މިހާރު ކުންފުނިތަކުގެ އެކައުންޓްތައްވެސް ހުޅުވޭނެ.
- ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާއިއެކު ބަލާލެވޭނެ.
- ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިން ވެސް އީ-ޕޯޓަލް މެދުވެރިކޯށް ބަލާލެވޭނެ.
- ރ. ދުވާފަރުގެ ކަސްޓަމަރުންނަށް އީ-ޕޯޓަލްގައި ކަރަންޓު މީޓަރު އެޑްކޮށް ރީޑިން ވެސް ބަލާލެވޭނެ.
- ފެންބިލްތަކުގެ ސްޓޭޓްމަންޓްތައް ފާއިތުވި ހަ މަސް ދުވަހާއި ހަމަޔަށް ބަލާލެވޭނެ.
އެމްޑަބްލިއުއެސްސީން ބުނީ އީ-ޕޯޓަލަށް މިގެނެވުނު އައު ބަދަލާއެކު ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދައި ލިބިގަތުމަށް އިތުރަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެކުންފުނީގެ ހޮޓްލައިން ނަމްބަރު 105 ގުޅުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފަ އެވެ.
އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި އަދި ވީހާ ވެސް ލުއި ފަސޭހަގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.