ކައިވެނި ޕާޓީތަކާއި އެކި އެކި ހަފްލާތަކަށް ގިނަ ބަޔަކު ކުއްޔަށް ނަގާ ލޮނުޒިޔާރަތް ޕާކް ކުއްޔަށްދޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން ލޮނުޒިޔާރަތް ޕާކު އާންމުކޮށް ދޫކުރީ އެއްގަޑިއިރާއި އަށް ގަޑިއިރަށް، ކޮންމެ ގަޑިއިރަކަށް 1،000 ރުފިޔާ ނަގާ ގޮތަށެވެ. ކުރިން އޮންނަ އުސޫލުގައިވާގޮތުން 12 ގަޑިއިރަށް ހިފާނަމަ 10 ޕަސެންޓް އަދި 24 ގަޑިއިރަށް ހިފާ ނަމަ 20 ޕަސެންޓްގެ ޑިސްކައުންޓް ލިބެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލަށް ގެނައި ބަދަލަކީ އެ ޕާކް ކުއްޔަށް ދޫކުރާނެ ޕެކޭޖްތަކެއް ކަނޑައެޅުން ކަމަށެވެ. އެކަމުގެ ސަބަބުން ކުއްޔަށް ހިފާ މީހުންނަށާއި ސިޓީ ކައިންސިލަށް ވެސް ފަސޭހަވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ލޮނުޒިޔާރަތްޕާކް ކުއްޔަށް ދޫކުރާ ޕެކޭޖްތައް

1. ވަރުނުލާ ރާޅު ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް

2. ހޭޅި 1 ސަރަހައްދު 12 ގަޑިއިރަށް 6000ރ. އަށް

3. ހޭޅި 2 ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

4. އުސް ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

5. މެދު ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް

6. މާމެލާމެލި ސަރަހައްދު 24 ގަޑިއިރަށް 10،000ރ. އަށް

7. ފާލަން އައްސޭރި ސަރަހައްދު 12 ގަޑިއިރަށް 5000ރ. އަށް

8.ކަސްރަތު ފެހި ސަރަހައްދު 12 ގަޑިއިރަށް 15،000ރ. އަށް

9. ފެނާރު މައިޒާން ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް

އެ ކާޕް 24 ގަޑިއިރަށް ކުއްޔަށް ހިފާނަމަ އަގަކީ 50،000 ރުފިޔާއެވެ.