ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން އައުމާ ގުޅިގެން އިގްތިސޯދު ރަނގަޅުވަމުން އަންނަ އިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް، ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފި އެވެ.
މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް ގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.8 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ޖޫން މަހު ލަފާކުރި މިންވަރަށް ވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ 2021 ވަނަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތް އިރު، ސަރަހައްދީ އިގްތިސާދީ ކުރިއެރުން ހުރީ 7.8 އިންސައްތައިގަ އެވެ.
މި ސަރަހައްދީ ރިޕޯޓާ އެއްކޮށް ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން ދެއްކި ގޮތުގައި، 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގަ އެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުމެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ އެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވެ އެވެ.
ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ލަފާ ދީފައިވެ އެވެ. ހަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިހާބާ ގުޅުންހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވެ އެވެ.
ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މިއީ، ރާއްޖޭގެ އިގްތިސާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެކެވެ.
"އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ހިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް."
އެމްޑީޔޫގެ ހާއްސަ ސެކްޝަން، 'ޓުވާޑްސް ރެސިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން'ގައި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބައޮތެވެ. ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ހަރަދު އިތުރުކޮށްފައި ވާއިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީތައް ހިމެނޭހެން 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ. ނަމަވެސް، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާ ކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެކެވެ.
ކުލި ދައްކައިގެން ގެދޮރު އަމިއްލަ ކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް އަދި ކުލި ދެއްކުމުގެ ޝަރުތުތަކާއި ދެވޭ އިނާޔަތްތައް އެއްގޮތްކުރެވިދާނެ ކަމެކެވެ.
މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑެވެ.