މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 281 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރުމަހު އެދަދު ވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 25 ޕަސެންޓް އިތުރު އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މިއީ 27 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރެވެ. އޮމާން އިން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މީގެ އިތުރުން ޗައިނާއިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ޔޫއޭއީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.
އިމްޕޯޓު އިތުރުވި ނަމަވެސް ސެޕްޓެމްބަރުމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ ދަށްވެފަ އެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 172 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 166 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 4 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑް، ޖަރުމަން، އިނގިރޭސިވިލާތް، ސްޕެއިން، އަދި ފަރަންސޭސިވިލާތަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 51 އިންސައްތަ އެކްސްޕޯޓުކޮށްފައި ވަނީ ތައިލެންޑަށެވެ. އަދި 11 ޕަސެންޓް މުދާ ޖަރުމަނަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 7 ޕަސެންޓް އެކްސްޕޯޓުކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައި ވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 88 އުޅަނދެއް އައިސްފައިވެ އެވެ. އަދި 92 އުޅަނދެއް ފުރާފައިވެ އެވެ.