މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ބާސްމަތީ ހަނޑުލެއް ވިއްކަމުން ދާތީ އެކަން ނުކުރުމަށާއި އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ބުނީ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުން އަންނަނީ ޕާކިސްތާނުގައި އުފެއްދުމެއް ކަމަށްވާ އަލް ގަމަރު ބްރޭންޑުގެ ބާސްމަތީ ހަނޑޫ ކަމަށެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަލް ގަމަރް ގޯލްޑް ޕްރީމިއަމް ބާސްމަތީ ހަނޑުލުގެ ފަސް ކިލޯގްރާމް އަޅާފައި ހުންނަ ޕެކެޓުތަކެއްގެ މުއްދަތު ހަމަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީހުގެ މަތީގައި އެހެން ތާރީހެއް ޖަހައިގެން އެ ޕެކެޓުތައް ވިއްކަމުން ދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކަލަކަށް ވެދާނެ ކަމެއްކަން ފާހަގަކޮށް މުއްދަތު ހަމަވެފައިވާ ތަކެތީގެ މުއްދަތު އޮޅުވާލައިގެން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.