މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން މުޖުތަމައުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ފޯރުކޮށްދިނުމާއި އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުޅުދުއްފުށި ސިޓީގައި ބާއްވައިފި އެވެ.

މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު "ޕޯޓް ޓޯކްސް"ގެ ނަމުގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔައީ ހަތަރު ސެޝަނަކަށް ބަހާލައިގެނެވެ. ފުރަތަމަ ދުވަހުގެ ފުރަތަމަ ދެ ސެޝަންގެ ތެރެއިން ސާނަވީ، މަތީ ސަނަވީ އަދި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔައީ "ކެރިއާ ގައިޑަންސް" ސެޝަންއެކެވެ. އަދި ހަމަ އެ ދުވަހު ބެލެނެވެރިންނަށް އަމާޒުކޮށްގެން އާއިލީ ކަންތައްތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންދިޔަ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މި ސެޝަން ކުރިއަށް ގެންދެވީ ތަޖުރިބާކާރު ސްޕީކަރު އާދަމް ނަސީރެވެ.

"ޕޯޓް ޓޯކްސް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ސެޝަނެއް ކުރިޔަށް ގެންދަނީ. ފޮޓޯ: އެމްޕީއެލް

މި ޕްރޮގްރާމްގެ ތެރެއިން މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޭއްވި ތިން ވަނަ ސެޝަން ކަމަށްވާ "ޝިޕިން، ލޮޖިސްޓިކްސް އެންޑް އިމްޕޯޓްސް" އަމާޒުކުރެވުނީ ވިޔަފާރިވެރިންނާއި ވިޔަފާރި ފެށުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށެވެ. މި ސެޝަންގައި އިންޓަނޭޝަނަލް ޓްރޭޑާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި މަހުގެ 7 ވަނަ ދުވަހުގެ ރޭ އޮތް ހަތަރު ވަނަ ވަނަ ސެޝަންއަކީ "އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ"ގެ މަޢުލޫމާތާއި އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ސެޝަންއެކެވެ. މި ސެޝަންގައި ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތައް އަދި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވި އެވެ.

ޕޯޓް ޓޯކްސް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ސެޝަނެއް . ފޮޓޯ: އެމްޕީއެލް"

އެމްޕީއެލް އިން ބުނިގޮތުގައި ސިލްސިލާކޮށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަގުސަދަކީ އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ތެރެއިން، ރާއްޖޭގެ އެކި އަތޮޅުތަކުގެ މުޖުތަމައުތަކަށް ބޭނުންތެރި މައުލޫމާތުތައް ފޯރުކޮށްދިނީ، މުޖުތަމަޢުއަށް މުހިންމު ކަންތައްތަކުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ސަރަހައްދުތަކެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.