އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން އެ ކުންފުނީގެ 19.5 މިލިއަން ހިއްސާ ވިއްކާލަން ނިންމައިފި އެވެ. މި ހުރިހާ ހިއްސާއެއްގެ އަގު ހަތަރު ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.
ޓެސްލާއިން މި ނިންމުން ނިންމާފައި މިވަނީ އެކުންފުނީގެ ވެރިޔާ އިލަން މަސްކް 44 ބިލިއަން އެމެރިކާ ޑޮލަރަށް ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާ ގަތްތާ ދެ ހަފްތާ ވެސް ނުވަނީހެވެ.
ހަބަރުތައް ބުނާ ގޮތުގައި މި އަހަރު ފެށުނީއްސުރެ ޓެސްލާގެ ހިއްސާގެ އަގު ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ.
ޓެސްލާއިން ހިއްސާ ވިއްކަން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާއިރު މިއާއެކު އެކުންފުނީގެ އަގު 20 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ.
މީގެ ކުރިން ވެސް މިއަހަރު ދެފަހަރެއްގެ މަތިން ޓެސްލާގެ ހިއްސާ ވިއްކާފައިވެ އެވެ. އެއީ އޭޕްރީލް މަހު 8.5 ބިލިއަން ޑޮލަރުގެ ހިއްސާއާއި އޮގަސްޓް މަހު އިތުރު 7 ބިލިއަން ޑޮލަރުގެ ހިއްސާ އެވެ.
މިފަހުން ޓެސްލާއިން ވަނީ އެކުންފުނީގެ ބައެއް ކާރު މޮޑެލްތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެ ކާރުތައް ބާޒާރުން ނަގާފަ އެވެ.