ޗައިނާ ހުޅުވާލުމުން ޓޫރިސްޓުން އެންމެ ދާން ބޭނުންވާ މަންޒިލަކަށް ރާއްޖެ ވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ޗައިނާ ހުޅުވާލުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދޭން ފަށައިފަ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވައިލަން އެ ގައުމުން މިހާރު ވަނީ ނިންމާފަ އެވެ.
ޗައިނާގެ ރައްޔިތުންނަށް ދަތުރުކުރުމަށް ލުއިދޭން ނިންމާފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވީ އެ ގައުމުގެ ރައްޔިތުންނަށް ވަކި ހަމަތަކެއްގެ މަތިން ދަތުރުކުރުމުގެ ލުއިތައް ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އަދި ގަބޫލުކުރާ ގޮތުގައި ކުރިއެކޭ ވެސް އެއްގޮތަށް ޗައިނާގެ ޓޫރިސްޓުން އެންމެ އަންނަން ބޭނުންވާ މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ޓޫރިސްޓުން އައިސް އެ ގައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ގޮތުގަ އެވެ. ނަމަވެސް ކޮވިޑާއެކު އެ ގައުމުގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން މިވީ ތިން އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ.
ޗައިނާ ހުޅުވާލުމާއެކު އެ ގައުމުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ޗައިނާގެ ޓޫރިސްޓުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓްކަމުގެ ހިދުމަތް ދޭ، ސީ- ޓްރިޕުން، ޗައިނާ އައުޓް ބައުންޑް ޓޫރިޒަމް ރިސާޗު އިންސްޓިޓިއުޓް އާ ގުޅިގެން މި އަހަރު ވަނީ ޗައިނާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފަ އެވެ.
ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑް ޓްރެވަލް ރިޕޯޓުގައިވާ ގޮތުން ރާއްޖެއަކީ ޗައިނާ ޓޫރިސްޓުންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.