އުފާވެރިކަމާއި ތަސައްލީއަކީ ސިކުނޑީގެ ހާލަތެކެވެ. އެ ހާލަތު ހޯދުމަށް ޓަކައި އަހަރެމެން އެދެނީ ހިތްހަމަޖެހުމަށެވެ. ކަންކަމާ ފިކުރު ނުކުރުމަށެވެ. ކަންކަން ރަނގަޅުވުމަށެވެ.
އެ ހާލަތު ހޯދޭނީ އަހަރެމެން ވެސް ދިރިއުޅުމުގެ ކަންކަމަށް ފަހި މަގުތަކެއް އިޚުތިޔާރުކޮށްގެންނެވެ. ގެދޮރާއި މުދާ ރައްކާތެރިކުރެވޭނެ މަގު ހޯދައިގެންނެވެ. ތިމާގެ ވިޔަފާރިއަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަކީ ކޮބާކަމާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ދެން ހެދޭނެ ގޮތްގޮތް ރާވައިގެންނެވެ. އަމިއްލަ ސިއްހީ ހާލަތު ދަށްވުމުން ވެސް ތިމާގެ ފަރާތުން އާއިލާއަށް ލިބޭ އާމްދަނީ ހުއްޓޭ ހާލަތެއް މެދުވެރިނުވާނެ ގޮތެއް ހަމަޖައްސައިގެންނެވެ. އަދި ފަހަށް ފައިސާ ރައްކާކޮށްގެންނެވެ.
މިފަދަ އެކި ހާލަތްތަކަށް ތައްޔާރުވުމަށް މާލީ ޕްރޮޑަކްޓެއްގެ ބޭނުން ކުރެވިދާނެއެވެ—އިންޝުއަރަންސެވެ. ކޮންމެ ފަދަ ދުނިޔަވީ ހާލަތެއްގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިވެދޭނީ އިންޝުއަރަންސެވެ.
އިންޝުއަރަންސް މުހިންމުވާ ސަބަބަކީ ވެސް މިއީ އެވެ. އިންޝުއަރަންސް ޕްލޭނެއް އޮތުމަކީ ކުއްލިއަކަށް ދިމާވާ އެފަދަ ހިތްނުތަނަވަސް ހާދިސާއެއް ކުރިމަތިވާ ވަގުތު ވެސް ކަންކަން ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަމާއެކު ހިތާއި ސިކުނޑިއަށް ގެނެސްދޭ ތަސައްލީ އެވެ.
އިންޝުއަރަންސް ޕްރޮޑަކްޓެއްގެ ރައްކާތެރިކަން ހޯދިފައި ނެތްނަމަ މިއީ މުޅި އާއިލާގެ ޖީބަށް ވެސް އުފުލާން ޖެހޭނެ ބުރައެކެވެ. މިސާލަކަށް، ތިމާގެ ގެދޮރު ރަހުނުކޮށްފައި ނަގާ ލޯނެއް ޚަލާސް ނުކުރެވެނީސް ނިޔާވެއްޖެ ނަމަ ތިމާގެ ވާރިސުންނަށް ވާރުތަވެ، ލޯނު ނުދެއްކިއްޖެ ނަމަ ރަހުނުކުރި މުދާ ގެއްލުމުގެ ފުރުސަތު އޮވެއެވެ. އެކަމަކު އެކަމަށް ހާއްސަ އިންޝުއަރަންސެއް (މޯގޭޖް ޕްރޮޓެކްޝަން ފަދަ) ނަގާފައިވާ ނަމަ ލޯނު ޚަލާސްކުރުމުގެ ކަންކަން އެއޮތީ ހަމަޖެހިފަ އެވެ.
މިފަދައިން މާލީ ރައްކާތެރިކަން ލިބުމުގެ އިތުރުން، އިންޝުއަރަންސަކީ ފަހަށް ފައިސާ ރައްކާކުރުމުގެ މަގުތައް ވެސް ފަހިކޮށްދޭ ކަމެކެވެ. އެގޮތުން ކުރު މުއްދަތާއި ދިގު މުއްދަތުގައި ފަހަށް ފައިސާ ރައްކާކުރުމަށް މަގުފަހިކޮށްދޭ އިންޝުއަރަންސް ޕްލޭންތައް ވެސް މާކެޓުގައި ހުރެއެވެ. މިސާލަކަށް ތުއްތު ދަރިފުޅު ބޮޑުވާން ވާއިރަށް އެ ދަރިފުޅަށް ޓަކައި ފަންޑެއް ތައްޔާރުކުރުމަށް، އިންޝުއަރަންސް ޕްލޭނެއްގެ އެހީގައި އެންމެ ޅަފަތުގެ ދުވަސްވަރުން ފެށިގެން ފައިސާ ރައްކާކުރަމުން ގެންދެވޭނެ އެވެ.
ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރާ ޚިޔާލެކެވެ: "ކޮންމެ އަހަރަކު އިންޝުއަރަންސް ޕްލޭނެއް ނެގުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ކަމެއް ދިމާވަނީކީ ވެސް ނޫނެވެ. މިއީ ބޭކާރު ހަރަދުތަކެއް ނޫން ހެއްޔެވެ؟"
ވިސްނާލަންވީ ކަމަކީ ހާދިސާއެއް ހިނގާނީ ބުނެފައި ނޫން ކަމެވެ. ދުރާލާ ތައްޔާރުނުވެ ހުއްޓާ ދިމާވާ ކަމަކުން އުފުލަންޖެހޭ ބުރައެއް މާ ބޮޑުވާނެ އެވެ. އިންޝުއަރަންސަކީ ހާދިސާތަކަށް ދުރާލާ ތައްޔާރުވާނެ މަގެވެ. އަހަރެމެން އެދޭ ސިކުނޑީގެ ހަމަޖެހުން ހާސިލުވާނީ އެ މަގުން ކުރިއަށް ދިއުމުންނެވެ.