ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެ، ދުވާލަކު ކިރާ އަދަދު 300 ޓަނަށް އިތުރުވެއްޖެ އެވެ.

މަސް ގަންނަ އެންމެ ބޮޑު ކުންފުނި، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މިފްކޯއަށް 300 ޓަނުގެ މަސް ކިރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް މ. އަތޮޅާއި، ހުވަދޫ އަދި ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަގަޅުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަސްވެރިކަން މ. އަތޮޅާއި ހުވަދޫ އާއި އަދި ދެކުނުގެ މަސްވެރިކަން ވެސް ރަނގަޅު. އުތުރަށް ވެސް އެވްރެޖްކޮށް ރަނގަޅު،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންގެ އަތުން އެއްވެސް ލިމިޓެއް ނެތި މިފްކޯއިން މަސް ގަންނަމުން އަންނަ ކަމަށެވެ. ނަމަވެސް ދުރު ސަރަޙައްދުތަކަށް މަސް ކިރާ ބޯޓުތައް ފޮނުވުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބޯޓުތައް ހުސްކޮށް އަނބުރާ ދިއުމަށް ވަގުތުކޮޅެއް ނަގާކަމަށާއި ނަމަވެސް އަންލޯޑްކުރުމަށްފަހު ބޯޓުތައް އަވަހަށް ފޮނުވުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓުވެސް ވަނީ މިދިޔަ މަހު ގަނެފައެވެ. މިފްކޯއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަހަރު މިފްކޯއިން ވަނީ އެންމެ ގިނައިން މަސްކިރާ އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށް ތާރީޚުގެ ތެރެއަށް ވަދެފަ އެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެފަ އެވެ. އަދި މަސްވެރިންނަށް މުޅި ޖުމްލަ 1،039،406،705 ރުފިޔާ ދީފައިވެ އެވެ.