މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމްތަކަށް އެލައިޑުން 100 ހެލްމެޓު ފުލުހުންނަށް ހަދިޔާކޮށްފި އެވެ.
އެލައިޑު އިންޝުއަރެންސްގެ ފަރާތުން މި ހެލްމެޓުތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި ހެލްމެޓުތަކާއި ހަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހެވެ.
"ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން އެލައިޑް އިންޝުއަރެންސްއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމެގެ ދަށުން ރާއްޖޭގ އެކިކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެ އެވެ.
އެލައިޑު އިންޝުއަރެންސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަސީހް ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމްގެ ދަށުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކަށް ކަމަށެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ހިމެނެ އެވެ.
"މި އަހަރު އަޅުގަނޑުމެން ރާވާފައިވާ ޕްރޮގަރާމްތަކަށް ބަލާލާއިރު ރަމަޟާން މަހުގެ ކުރިން ގދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ޕްރޮގްރާމްތައް ރޭވިފައި އެބަހުރި. އަދި ކުޅުދުއްފުށި ހިމެނޭހެން ހދ. އަތޮޅުގައި ވެސް ރަމަޟާން މަހުގެ ކުރިން މިޕްރޮގްރާމްތައް ހިންގަން ރާވާފައި އެބަހުރި،" ފަސީހް ވިދާޅުވި އެވެ.
އެލައިޑް އިންޝުއަރެންސްގް ޖެނަރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، ފުލުހުންނަށް 100 ހެލްމެޓް ހަދިޔާކުރުމުގެ މަގުސަދަކީ މަގުމަތީގެ ރައްކާތެރިކަމަށް ގިނަ މީހުން ހޭލުންތެރިކޮށް ހެލްމެޓް ފަދަ ސަލާމަތީ ވަސީލަތްތައް ބޭނުނުކުރުމަށް ބާރުއެޅުން ކަމަށެވެ.
އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީ ވެސް ވަނީ ލޯންޗްކޮށްފަ އެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.
އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަންވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެ އެވެ.