އާމްދަނީއެއް ނުލިބޭ ފަދަ އިޖުތިމާއީ ޚިދުމަތް ދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް ސްޓެލްކޯއިން ނިންމައިފި އެވެ.
ސްޓެލްކޯގެ މަސައްކަތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާއީ ކެޓަގަރީ"އެއް އިތުރުކުރުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އާއްމު އިޖުތިމާއީ ޚިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިޔަފާރި ޓެރިފަކީ ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެކެވެ. އެއާއެކުގައި އާއްމު ޚިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވިސްނުން މިހާރު ހުރީ އާމްދަނީ ނުލިބޭ، އާއްމު ޚިދުމަތް ދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ބަދަލު ގެނައުމަށް ކަމަށެވެ. އަދި އެކަމަށްޓަކާ ޚާއްސަ ޓެރިފް ކެޓަގަރީއެއް އެކުލަވާލުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިސްކިތްތައް، ފުޓުބޯޅަ ދަނޑު، މަގުތައް އަލިކުރުން، މިކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫން. އެހެންވީމާ މި ދާއިރާތަކަށް ޚާއްސަކޮށް 'އިޖުތިމާއީ ކެޓަގަރީ'އެއް އުފެއްދުމަށް ފެނޭ. އެކަމަށް މަޝްވަރާ ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު މިތަންތަނުން ކަރަންޓު އަގު ނަގާ ވިޔަފާރި ކެޓަގަރީއަކީ، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް އަދި ގެސްޓް ހައުސް ގަދަ ވިޔަފާރިތަކާ އެއްހަމައެއްގައި އަގު ނަގާ ތަންތަނެވެ.
މާލެ ސިޓީގައި ވިޔަފާރިތަކުގެ ކަރަންޓު ބޭންޑުގެ 300 ޔުނިޓުން ފެށިގެން 10،000 ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާ އާއި 5.75ރ. އާ ދެމެދު އެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގަ އެވެ.